ބ. އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިއަކާ ނުލައި ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އެރަށުގެ ފުލުހުން ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ކުށްމަދު އަމާން މުޖުތަމަޢުއެއް ގާއިމުކޮށް، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމުގެ މަޤްޞަދުގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގް "ސަން" އަށް ވިދާޅުވި ގޮތުގައި މި ހަރަކާތް ފަށަން ޖެހުނީ މިދިޔަ ރޯދަ މަހު އެރަށު ގިނަ ސްކޫލު ކުދިންތަކެއް ރޭގަނޑު ދަންވަންދެން ބޭއަދަބީ ކަންކަމުގައި އުޅޭކަން ފާހަގަވުމާ ގުޅިގެންނެވެ.

ފުލުހުން ބުނި ގޮތުގައި މި ހަރަކާތުގެ ދަށުން ރޭގަނޑު ދިހައެއްގެ ފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކޮށް، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމަޢުއަށް ގެނައުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރާނެއެވެ.

މީގެ އިތުރުން، ތަކުރާރުކޮށް ރޭގަނޑު ދިހައެއްގެ ފަހުން ބޭރުގައި އުޅޭ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ސަބަބުން ކުދިންގެ އުޅުމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ކައުންސިލްގެ ނައިބު ރައީސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސްކޫލު ކުދިންގެ އަޚްލާޤު ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާކަމެވެ.