ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ސިސްޓަމް، ޕޭޕަލް، ރާއްޖެއަށް ތަޢާރަފު ކުރުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، "ޕޭޕަލްގެ މެނޭޖްމަންޓާ ސީދާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރެވިފައިވޭ. ނަމަވެސް އިދާރީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމާއެކު މި މަސައްކަތް ލަސްވަމުންދަނީ."

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް ކަމަށާއި، މި ސަރުކާރުން ނޫނީ މިހާ ބޮޑަށް މި މަސައްކަތް ކޮށް، މި ވާހަކަ މިހާ ގިނައިން ދެއްކި އެހެން ސަރުކާރެއް ނެތް ކަމަށެވެ.

ކްރިއޭޓިވް އިކޮނޮމީއަށް އައު ފުރުސަތުތައް
މީގެއިތުރުން، ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީއަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ކްރިއޭޓަރުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މިގޮތުން މިދިޔަ ހަފްތާގައި ޓިކްޓޮކްގެ އިސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، މޮނެޓައިޒޭޝަނާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

1998 ވަނަ އަހަރު "ކޮންފިނިޓީ" ގެ ނަމުގައި ފެށި، އަދި 2000 ވަނަ އަހަރު "ޕޭޕަލް" އަށް ނަން ބަދަލުކުރި މި އެމެރިކަން ކުންފުނި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ސައީދު ޔަގީންކަން ދެއްވިއެވެ