ސަރުކާރުން ޓިކްޓޮކް މަނާކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. "ދެނޯ" ޕްރޮގްރާމްގެ އެއްވަނަ އެޕިސޯޑްގައި "ކެޕް އޯ ފެކްޓް" ގޭމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ވާހަކަތައް މިގޮތަށް ފެތުރުނީމާ ހައިރާންވެވަޑައިގަތް ކަމަށެވެ.
ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، މީސްމީޑިއާ އަދި ޕްރޮމޯޝަނަލް ކަންކަމުގައި އަދި ޑިޖިޓަލް އިކޮނޮމީގައި ޓިކްޓޮކްގެ ދައުރު ފުޅާކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. "މިސާލަކަށް ޓޫރިޒަމް ޕްރޮމޯޝަން، މަނިޓައިޒް ކުރުމުގައި ޕޭމެންޓް ސިސްޓަމް އިތުރަށް ޔޫސް ކުރެވޭނެ ގޮތްތައް އިތުރަށް ފަހިކުރަން ޖެހޭ ވާހަކަ" ދެކެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި އަމާޒަށް ވާސިލުވުމަށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނީގެ ވަފުދުން ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ މުސްތަގުބަލާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރައްވާފައިކަން ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގައި ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ޓިކްޓޮކްގެ ވަފުދުން ވަނީ އިގުތިސާދީ ވުޒާރާގެ އިސްވެރިންނާއެކު ވެސް މަޝްވަރާތަކެއް ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.