މި ދައުރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ "ހައްލުވާނެ، އޭގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ، އަޅުގަނޑުމެން މިހާރު މިތިބީ ރަނގަޅު ޓްރެކެއްގައި، ޑޮލަރު މާރު ކުރަންވެސް އެންމެންވެސް އެއްބާރުލުން ދޭ، ވަރަށް ޝުކުރު އަދާކުރަން، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންނަށް" ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތައަށްވާ ޑޮލަރު މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތައަށްވާ ޑޮލަރު މާރުކުރަން ޖެހެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، 2027 ވަނަ އަހަރު ނިމޭއިރު ޑޮލަރުގެ ރޭޓު ހުންނާނީ ބޭންކު ރޭޓުގައި ކަމަށް ސަރުކާރުން ބަލާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ދާ މަންޒަރު ނުފެނުނަސް މިހާރު އެހާ ގިނަ އަދަދަކުން ބޭންކްތަކަށް ޑޮލަރު ވަންނަމުންދިއުމަކީ އޭގެ ނަތީޖާ އަވަހަށް ފެންނާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް ވަނުން ހުއްޓާލުމުން ކަޅު ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.