މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ ހައްވާ ޔުމުނު ކިޔާ އަންހެނަކު ވެއްޓުނު ހާދިސާ ހިނގިއިރު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައިކަން ކަށަވަރުވެއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 4:00 އާއި 5:00 އާ ދެމެދު ހިނގި މި ހާދިސާ ހިނގިއިރު، ވަޒީރު އަމީން ހުންނެވީ އައިކާއޯގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓްރިއަލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ޤަތަރުގެ ދޯހާއިން ރާއްޖެ ވަޑައިގަތުމުގެ މަގުމަތީގައެވެ. ވަޒީރު ރާއްޖެ ވަޑައިގެންފައިވަނީ އެދުވަހުގެ ހެނދުނު 8:50 ގައެވެ. ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅިގެން ވަޒީރަށް އަމާޒުކޮށް އެކި ތުހުމަތުތައް ކުރަމުންދާއިރު، ވަޒީރު އަމީން ވަނީ އެކްސް މެދުވެރިކޮށް މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
"މި ހާދިސާގެ މައުލޫމާތު ލިބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، އަދި މި މައްސަލައިގައި އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ," ވަޒީރު އަމީން
މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިވަން އަދި މުސްތަޤިއްލު ތަޙުޤީޤެއް ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަނުން ހާދިސާގެ ޙަޤީޤަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ. ފުލުހުންގެ މައުލޫމާތުން އެނގޭގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެދުވަހުގެ ހެނދުނު 7:23 ގައެވެ. އަދި ސީސީޓީވީ ފުޓޭޖްތަކުން ދައްކާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. ހ. މިޓާޒް ގޭގެ ފުރާޅުން ވެއްޓި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 21 އަހަރުގެ ހައްވާ ޔުމުނު، އިތުރު ފަރުވާއަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ. ސަރުކާރުން އެންސްޕާ މެދުވެރިކޮށް ޓިކެޓް ފައިސާ ހިމެނޭގޮތަށް 25،000 ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ފަރުވާއަށް ބޭނުންވާ މިންވަރުގެ އެއްބައި ކަމަށްވުމާއެކު، އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 7 ލައްކަ ރުފިޔާއާ ގާތްކުރާވަރުގެ އެހީ ވަނީ ލިބިފައެވެ. މި މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާއިރު، އެކަކު ހައްޔަރުކޮށް، 9 މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންގެ ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފައެވެ. އަދި ހައްޔަރުކުރެވުނު ރައުދު އަޙްމަދު ޛިލާލް އިތުރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއަށްވުރެ އިތުރަށް އަދި އެއްވެސް މަައުލޫމާތެއް ފުލުހުން އާންމުންނަށް ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.