ހައްވާ ޔުމްނު ރަޝީދު އިމާރާތުން ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ހާއްސަ ކޮމިޝަނުގެ މެންބަރު، ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ހަބީބު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ. ޑރ ހަބީބު އިސްތިއުފާ ދެެއްވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ އާއިލީ ގުޅުމެއް އޮންނާތީވެއެވެ.
މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން ހުރި ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެކެވެ. ޑރ. ހަބީބަކީވެސް ހިތަދޫއަށް އުފަން ބޭފުޅަކަށްވުމާއެކު، މި ދެފަރާތުގެ ދެމެދުގައި އާއިލީ ގުޅުމެއް އޮވެއެވެ. އަދި މައްސަލައިގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދަކީވެސް ޑރ. ހަބީބުގެ ކްލާސްމޭޓެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭއެވެ. މި ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި އެހެން މެންބަރެއްގެ ގޮތުގައި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދު ހިމެނެއެވެ.
ރައީސް ޑރ މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން، މި ކޮމިޝަނުގެ މަގުސަދަކީ "މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދުން" އެވެ.
ކޮމިޝަނަށް ވަރަށް ފުޅާ ބާރުތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ހައްޔަރު އަމުރު ނެރުމާއި، މީހުން ހާޒިރުކޮށް ސުވާލުކުރުމާއި، ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމުގެ ބާރު ހިމެނެއެވެ. ޑރ. ހަބީބު ވަކިވުމާ ގުޅިގެން ކޮމިޝަނަށް އިތުރު މެންބަރަކު އައްޔަންކުރާނެ ކަމެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ހައްވާ ޔުމްނު ރަޝީދު އިމާރާތުން ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުން ހިންގަމުންދާ ތަހުގީގާމެދު އާންމުންގެ މެދުގައި ސުވާލު އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.
ގ. ރަނައުރާގޭ ޔުމްނު ވެއްޓުނީ އިމާރާތުގެ ނުވަވަނަ ފަންގިފިލާއިންނެވެ. ވެއްޓުމުން ލިބުނު ހާނިކައަށް ފުރަތަމަ ފަރުވާ ދިނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އޭގެފަހުން އިތުރު ފަރުވާއަށްޓަކައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ.
މެލޭޝިޔާއަށް ފަރުވާއަށް ގެންދިއުމަށް އެންސްޕާއިން ވަނީ 25،000 ޑޮލަރު (385،500 ރުފިޔާ) ހަމަޖައްސައިދީފައެވެ. މީގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާގެ މެންބަރެއްގެ އިތުރުން ސްޓްރެޗަރ ބަހައްޓައިގެން ނަގަންޖެހުނު 12 ސީޓަށްވާ ފައިސާ ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިންގުނު ފަންޑު އެއްކުރުމުގެ ކެމްޕެއިންގައި 700،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ އެއްކުރެވިފައެވެ. މި ފައިސާއަކީ ޔުމްނުގެ ފަރުވާއަށް އެހީތެރިވުމަށް އާންމުން ހަދިޔާކުރި ފައިސާއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.