މެލޭޝިއާގައި އަލަށް އުފައްދަވާފައިވާ ދިވެހި ކިޔަވާ ކުދިންގެ ޖަމިއްޔާއަށް ސަރުކާރުގެ ބަޖެޓުން އަހަރަކު 3000 ޑޮލަރު ޖަމާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ، ތަޢުލީމު ހާސިލުކުރުމަށް ވަރަށް ގިނަ ދިވެހީން މެލޭޝިއާގައި ދިރިއުޅެމުންދާ ކަމަށާއި، އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދިވެހިންނަށް އަމާޒުކޮށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ. މި ބައްދަލުވުމުގައި ގެދޮރުވެރިކަމާއި ބިމާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ މެލޭޝިއާގައި ޤާއިމުކުރާ ސްޓޫޑަންޓް އެސޯސިއޭޝަންގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް އެތަނުގައި ކިޔަވަމުންދާ ކުއްޖަކާ ހަވާލުކުރައްވާފައެވެ.
"އަޅުގަނޑު ވެސް ކުރިން އިނގިރޭސިވިލާތުގައި ކިޔެވިއިރު އެފަދަ ޖަމިއްޔާއެއްގައި އުޅެފައި ހުރުމުން އެނގޭ އޭގެ މުހިންމުކަން، ބޭރު ޤައުމަކަށް ގޮސް މިތިބެނީ ކިޔަވަން، އެކުދިން ތަމްސީލުކުރާނެ މުއައްސަސާއެއް އޮތުމުން އޭގެ ފައިދާ ކިޔަވާ ކުދިންނަށް ވަރަށް ބޮޑަށް ކުރޭ،" ރައީސް ޑރ މުޢިއްޒު
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ސްޓޫޑަންޓް އެސޯސިއޭޝަންއަށް ސަރުކާރުން ފައިސާގެ އެހީ ދެއްވުމުން، ހަރަކާތްތައް ހިންގައި ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ރައީސް ޑރ މުޢިއްޒު ރައްޔިތުންނާ ހަމައަށް ގެނެސްދެނީ ވަރަށް ވަރުގަދަ ތަސައްވުރުތަކެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސް ޑރ މުޢިއްޒު އިތުރަށް ވިދާޅުވީ، މެލޭޝިއާގައި ކިޔަވާ ކުދިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.