މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު އިފްތިތާހުކޮށްފިއެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މާދަމާއިން ފެށިގެން މި ޚިދުމަތް ދޭން ފަށާނެއެވެ. މިއީ ރާއްޖެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން ދިރިއުޅެމުން އަންނަ ޤައުމަކަށް ވުމާއެކު، މި ޚިދުމަތް ފެށުމަކީ އެތަނުގައި ދިރިއުޅޭ ދިވެހިންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފެށުމާއެކު، އިތުރު ތިން ޤައުމެއްގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މެލޭޝިއާގައި މި ޚިދުމަތް ފެށުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެލޭޝިއާގައި އިލެކްޓްރޯނިކް ޕާސްޕޯޓާއި އައިޑީ ކާޑު ޕްރިންޓުކޮށް ދިވެހިންނަށް ދެވޭގޮތް ހަމަޖެހުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. "މީގެ ކުރިން މި ޚިދުމަތް ނެތުމުން ވަރަށް ގިނަ ޝަކުވާތައް ލިބެމުން ދިޔަ،" ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، ދިވެހިން އާންމުކޮށް ގޮސްއުޅޭ ޤައުމުތަކުގެ ތެރެއިން ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ތައްޔާރުވަމުންދާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްކަމެއް ދެއްވަނީ ރައްޔިތުންނާ ގާތުން ޚިދުމަތްދީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ އެ މަސައްކަތުގެ ތެރެއިން ތަޢާރަފުކުރެވުނު އައު ޚިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން ރާއްޖެއިން ބޭރުގައިވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.