މިދިޔަ ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވާފައިވަނީ މަޤާމާ ހަވާލުވެވަޑައިގެން ގާތްގަނޑަކަށް ދެ މަސްދުވަސް ފަހުން، މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޝުޖާއުގެ އިސްތިއުފާ އައިސްފައިވަނީ، ފުރާޅެއްގެ މައްޗަށް އަންހެންކުއްޖަކު ވެއްޓިފައިވާ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އައި ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ފާޑުކިޔުންތަކެއް އަމާޒުވަމުން ދިޔައެވެ.

ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ޝުޖާއު މަސައްކަތް ކުރައްވާފައިވަނީ ތަޢުލީމީ ދާއިރާގައެވެ. އެގޮތުން ޓީޗަރެއްގެ މަޤާމުގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ޕްރިންސިޕަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ޢަލީ ޝުޖާއު މިހާރު ވަނީ ކޮމިޝަނަރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ޝަރަފްވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.