ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާގެ ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑާ އަދި އެޑްވައިޒާ ވިންސެންޓް ޓަން ޗީ ޔިއޫއާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.
ކޮންސިއުމާ މާކެޓިން، ޕްރޮޕަޓީ ޑިވެލޮޕްމަންޓް އަދި އިންވެސްޓްމަންޓްގެ އިތުރުން ހޮޓާ، ރިސޯޓް އަދި ރެކްރިއޭޝަން ޑިވެލޮޕްމަންޓް ދާއިރާގައި ހަރަކާތްތެރިވާ މި ކުންފުނީގެ އިސްވެރިންނާއެކު މިއަދު ހެނދުނު ބޭއްވުނު ބައްދަލުވުމުގައި، ރައީސް މުއިއްޒު ވަނީ މެލޭޝިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ" ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބަރޖާޔާ ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނިން މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވައި، އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި، ބޭރުގެ އިންވެސްޓަރުންނަށް ލިބިދެވޭ ލުއިފަސޭހަތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ ވައިގެ އަދި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމާއި، އެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތުވެސް ވަޒީރުން ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ބަރޖާޔާ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ސަޔެދް އަލީ ޝަހުލް ހަމީދާއި، އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.