ހައްވާ ޔުމްނާ ރަޝީދު މާލޭގެ އިމާރާތަކުން ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ބަންދު ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށާއި، މި މަސައްކަތް ފިސާރި އަވަހަކަށް ނިންމުމަށް އުންމީދުކުރައްވާ ކަމަށް އެ ކޮމިޝަނުގެ އިސްވެރިޔާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނުގެ މަސައްކަތް ފެށުނު ކަން އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ ސެންޓިމެންޓަށް ރިޢާޔަތްކޮށްގެންނެވެ. އަދި މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ މެދު ރައްޔިތުން ދެކެފައިވަނީ އެކި ގޮތްގޮތަށް. އެހެންވީމާ ކޮމިޝަނަށް އޮތް އިތުބާރާ މެދު ދެކެވޭ ވާހަކަތަކާ މެދު އަޅުގަނޑު ހައިރާނެއް ނުވަން،" ޔުމްނާގެ ޢާއިލާއިން ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ޑރ. މުނައްވަރު ވިދާޅުވިއެވެ

އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެނަމަ އެ ކޮމިޝަނުގައި ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ކޮމިޝަނުގެ މަސައްކަތުގައި ފުލުހުންގެ ތަޙުޤީޤު ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.