ދުނިޔެއިން ފަޤީރުކަން ނައްތާލުމަށް ފުދުންތެރިކަން ކުޑަމީހުންނަށް އެހީވާންޖެހޭކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާޙިދު މިއަދު ވިދާޅުވެއްޖެ އެވެ. ޝާޙިދު މިހެން ވިދާޅުވެފައިވަނީ މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ ފަޤީރުކަން ނައްތާލުމުގެ ދުވަހާއި ގުޅިގެން ޓުވީޓް ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މިވަގުތު ދުނިޔޭގައި 1.3 ބިލިއަން ފަޤީރުން އުޅޭކަމަށާއި އޭގެތެރެއިން 100 މިލިއަން މީހުންނަކީ އެންމެ ނާޒުކު ހާލުގައި ތިބި މީހުންކަމަށް ޝާހިދުގެ މެސެޖުގައި ބުނެފައިވެއެވެ.

"2030 ގެ ކުރިން ދުނިޔެ އިން ފަގީރުކަން ނައްތާލުމަށް ހިފާފައިވާ އަމާޒަށް އޮތް ހުރަހަކީ ކޮވިޑް-19 އާއި މޫސުމީ ގޮތުން ދިމާވެދާނެ ދަތިތައް. ނަމަވެސް އެތައް އަހަރެއްވަންދެން ކުރި މަސައްކަތުން ފަގީރުކަން ނައްތާލުމުގައި ލިބިފައިވާ ކާމިޔާބީ ފޮހެވިގެން ދިޔަ ނުދިނުމަށް ވެސް މަސައްކަތް ކުރަން ޖެހޭ. ކޮވިޑް-19ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ވެސް އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ." ޝާހިދު ވިދާޅުވި އެވެ.

ޝާޙިދު ވިދާޅުވާގޮތުގައި ސައިންސާއި ތަޢުލީމު އަދި ވަޒީފާގެ ފުރުސަތުތަކާއި މީހުންގެ ޤަދަރުހިފެހެއްޓޭ ދާއިރާތަކުގެ ފުރުސަތުތައް ތަނަވަސްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ގެންނަން ޖެހޭކަމަށެެވެ. https://twitter.com/UN_PGA/status/1449583041299496960?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1449583041299496960%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F99117

ޝާހިދު ވިދާޅުވީ ފަގީރުކަން ނައްތާލުމަށް ގައުމުތަކުން ކޮވިޑްގެ ފަހުން ތަފާތު އިގްތިސާދީ ކަންކަމަށް ތައްޔާރުވާން ޖެހޭ ކަމަށާއި، މިފަދަ ދުވަހެއް ފާހަގަކުރަމުން އަންނައިރު  ގައުމުތަކުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިމިވާ ހީނަރުކަމުން އަރައިގަތުމާއި އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީވާން ތެދުވާން ޖެހޭ ކަމަށެވެ.