ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒު އިންސްޓަގްރާމްގެ ސްޓޯރީގައި ކުރެއްވި ޕޯސްޓެއް ކަމަށްބުނެ ދައުރުކުރަމުންދަނީ ފޭކު ޕޯސްޓެއް ކަމަށް ރައީސްގެ އާއިލާގެ ވަކީލު ޑރ. އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އަންނަނީ ރޭ ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރުމުން އުންމީދުގެ އަލިމަގެއް ފެނިއްޖެ ކަމަށާއި ވަރަށް އަވަހަށް އިންސާފު ގާއިމުކުރެވޭނެހެން ހީވާ ކަމަށް ބުނެ، ޔާސްމީން ކިޔާ އިންސްޓަގްރާމް އެކައުންޓެއްގެ ސްޓޯރީގެ ސްކްރީން ޝޮޓެއް އަންނަނީ ދައުރުވަމުންނެވެ.

އާޒިމާ ވިދާޅުވީ، ދައުރަވަމުން އަންނަނީ ޔާސްމީންގެ ސްޓޯރީގެ ފޮޓޯއެއް ނޫން ކަމަށާއި، އަދި، މުޒާހަރާގެ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ދޮގު މައުލޫމާތު ފެތުރުމާއި އާންމުންނަށް އޮޅުވާލުން ހުއްޓާލުމަށް އާޒިމާ ވަނީ ގޮވާލައްވާފައެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ބަގީޗާގެ، އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު އަދި މާލެ، މ. ހަސްތީ، އުމުރުން 19 އަހަރުގެ އާއިޝަތު ޝިމަން އަހްމަދެވެ.

ފުލުހުން ބުނީ މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.