ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފްރީޑްރިކް މާޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، "ދިވެހި ރާއްޖެއިން ޖަރުމަންވިލާތާއެކު އޮންނަ ގާތް އެކުވެރި ގުޅުން ބަލައިގަންނަ" ކަމަށެވެ. އަދި އައު ޗާންސެލަރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފްރީޑްރިކް މާޒް ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް އިންތިޚާބުވެފައިވަނީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި ދެ ބުރަށް ވޯޓުލައިގެންނެވެ. މަޖިލީހުގެ 630 ވޯޓުގެ ތެރެއިން 316 ވޯޓު ކާމިޔާބުކުރަން ޖެހުނު އިރު، ފުރަތަމަ ބުރުގައި އޭނާއަށް ލިބިފައިވަނީ 310 ވޯޓެވެ. ނަމަވެސް ދެވަނަ ބުރުގައި އޭނާގެ ކޯލިޝަނުން ވަނީ 328 ގޮނޑި ކާމިޔާބުކޮށްފައެވެ.

ޖަރުމަންވިލާތުގެ ޤާނޫނީ އޮނިގަނޑުގެ ދަށުން، ޗާންސެލަރކަމަށް ހޮވާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަނީ އެ ޤައުމުގެ ރައީސްއެވެ. އަދި ސަރުކާރެއް އެކުލަވާލުމަށްޓަކައި، އެ ފަރާތަކުން މަޖިލީހުގެ ދެބައިކުޅަ އެއްބައިގެ އަޤުލަބިއްޔަތު ކަށަވަރުކުރަން ޖެހެއެވެ.