މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.
ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ, ޔަޒްމީދު އެ މަގާމަށް އައްޔަން ކުރީ، ޕެންޝަން އޮފީހުގެ ބޯޑުންނެވެ. ޔަޒްމީދު މި މަގާމަށް އައްޔަންކުރެއްވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ޔަޒްމީދަކީ ދައުލަތުގެ ތަފާތު އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، ހިންގުމުގެ ދާއިރާއާއި، ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ އަދި ގަވަނަންސްގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެންމެ ފަހުން އަދާކުރައްވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަޤާމެވެ. މި މުއްދަތުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުކަންވެސް ވަނީ ކުރައްވާފައެވެ. މީގެ ކުރިން، 2014 އިން 2019 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގަވަރނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތްތައް ޔަޒްމީދު ވަނީ ލީޑުކުރައްވާފައެވެ. ޔަޒްމީދު ޚިދުމަތް ފެއްޓެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ. އެ އޮފީހުގައި 10 އަހަރު މަސައްކަތްކުރެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.