އެމްޑީޕީއާ ހިލާފަށް ޕީއެންސީ އިދިކޮޅުގައި އޮތްއިރު މަސައްކަތް ކުރެއްވީ ވަރަށް ޑިމޮކްރެޓިކް ވެށްޓެއްގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައި މިއީ ވިސްނާލަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފުނޑާލާނެ ކަމަށާއި، ވެރިކަމުން ފައިބައިފިނަމަ މަގުމައްޗަށް ނިކުމެ "އެކި ސަކަރާތް ޖަހާނެ" ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރަށް ގޮސް އެކި ތަންތަނުގައި ވާހަކަދައްކައި، ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ފޮޓޯ ޝާއިޢުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު މިވެނި ބަޔަކު އެބައުޅެޔޭ ރާއްޖެއަށް ފިޔަވަޅު އަޅަން ކިޔާފައި ފޮޓޯ ލާނީ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަނީ. ރާއްޖޭގެ ސިނާއަތްތައް ފުނޑާލަން މަސައްކަތް ކުރާނީ،" ސައީދު ވިދާޅުވިއެވެ.

ޕީއެންސީން އިދިކޮޅުގައި އޮތްއިރު، އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންނާ ހަމައަށް ކަންކަން ގެންގޮސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި ނަމުގެ ކުރިއަށް "ޑިމޮކްރެޓިކް" ޖަހައިގެން އެމްޑީޕީން އުޅުނު ނަމަވެސް، އެއީ ޑިމޮކްރެޓިކް ޕާޓީއެއްތޯ ސުވާލު އުފައްދަވާފައިވެއެވެ.