ކާޑެއްދޫ އެއާޕޯޓުގައި ފެތުރިފައިވާ ހުވަނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ.

މިކަން އެއާޕޯޓުން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގެ އިރުޝާދާއެކު މި މަސައްކަތް ކުރިޔަށްދާ ކަމަށް ވަނީ ބުނެފައެވެ.

އެއާޕޯޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުރިން ހުވަނި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތްތައް ކާމިޔާބު ވެފައިވީ ނަމަވެސް، ވިއްސާރަ ވުމާ ގުޅިގެން މަސައްކަތް މެދުކެނޑުމަށްފަހު އަލުން ހުވަނި ފެތުރިފައިވެއެވެ. މި މައްސަލައަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ދަތުރުވެރިންނަށް ނުރައްކަލެއް ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި ކާޑެއްދޫ ބަނދަރާއި އަރައިފައިބާ ޖެޓީގައި ވެސް ހުވަނި ގިނަވެފައިވެއެވެ. އަދި ކުޑަކުދިންގެ ޕާކުގައި ވެސް ހުވަނި އަޅާފައިވާ ކަމަށް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް އެއާޕޯޓުގެ ކެންޓީނާއި ޑިޕާޗަރ ސަރަހައްދުގައި ހުވަނީގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

މިކަމާ ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައދުﷲ ހިލްމީވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، "ވީހާވެސް އަވަހަށް ހުވަނި ނައްތާލާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް" ގޮވާލާފައެވެ.