މާފަންނު ސަހަރާ ތަރައްގީ ކުރާނީ ހެންވޭރު އަޑިޕާކު ނުވަތަ ލޮނުޒިޔާރަތް ޕާކު ކޮންސެޕްޓަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. މި ސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 36،153 އަކަފޫޓުގެ ބިމެއްގައި ޕާކިން ޒޯނެއްގެ ގޮތުގައެވެ. މިއަދު ބޭއްވުނު ސިޓީ ކައުންސިލުގެ ޖަލްސާގައި ކައުންސިލުގެ ޕްރޮޖެކްޓް މެނޭޖުމަންޓް ކޮންސަލްޓަންޓް ރަމްޒީ އަބޫބަކުރު ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތް ހަވާލުކޮށްފައިވަނީ 2019 އޮގަސްޓު 27 ވަނަ ދުވަހު ލޭންޑް ސްކޭޕިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ 2024 ސެޕްޓެންބަރު 8 ވަނަ ދުވަހުއެވެ. މާފަންނު މައިޒާން ގެ ނަމުގައި އަލުން ނަންކުރެވުނު މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.

މައިޒާނުގައި ހިމެނޭ މައިގަނޑު ބައިތައް:

މި މަޝްރޫޢުގެ ދަށުން 295 ސައިކަލު ޕާކުކުރެވޭ ގޮތަށް 11،141 އަކަފޫޓުގެ ޕާކިން ޒޯނެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން، 3 އޮން 3 ބާސްކެޓް ކޯޓެއް (2،477 އަކަފޫޓް)، ބަސް ސްޓޮޕެއް (200 އަކަފޫޓް)، އަދި ހަފުލާތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއް (9،418 އަކަފޫޓް) ހިމެނެއެވެ. އަދި ގްރީން އޭރިޔާގެ ގޮތުގައި 3،367 އަކަފޫޓް އަދި ވޯކްވޭއަށް 3،345 އަކަފޫޓް ކަނޑައެޅިފައިވެއެވެ. މި މައިޒާން ފަރުމާކުރެވިފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައިވެސް ބޭނުންކުރެވޭނެ ގޮތަށް މުޅި ސަރަހައްދު ދިއްލާލެވޭ ގޮތަށެވެ. މިއީ މާލޭގެ އާންމުންނަށް ލިބިގެންދާނެ މުހިންމު އިޖުތިމާޢީ ސަރަހައްދެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.