ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ މުޅި މައުރަޒުން އެއްވަނަ ސިޓީ/ރަށުގެ މަޤާމު އައްޑޫ ސިޓީ އިން ހޯދައިފައިވާއިރު، އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ ލުޖައިން އަޙްމަދު ވަހީދު ވަނީ ހޯދައިފިވެ. ސޯޝަލް ސެންޓަރުގައި ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މައުރަޒުން އެކި ވަނަތައް ހޯދި 275 ފަރާތަކަށް އިނާމު ދެއްވާފައެވެ. މީގެ ތެރޭގައި އެންމެ ޝަރަފުވެރި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރެއްވުން ވެސް ހިމެނެއެވެ. އެކި ދާއިރާތަކުން އެއްވަނަ ހޯދި ފަރާތްތައް:

  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން ގއ. ވިލިނގިލި
  • ވިޔަފާރިތަކުގެ ދާއިރާއިން ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
  • ތަޢުލީމީ މަރުކަޒުތަކުގެ ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް
  • ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ފާތުމަތު ޝަފަޤް
  • ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން ސްޓެލްކޯ

މި އަހަރުގެ މައުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވާއިރު، 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިއަކުން ތަކެތި ބައިވެރިކޮށްފައިވެއެވެ. އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މައުރަޒުގައި 3,600 އަށްވުރެ ގިނަ ތަކެތި ބައިވެރިކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މައުރަޒު ކުރިއަށްދަނީ 23 މެއި އިން 31 މެއިގެ ނިޔަލަށެވެ. މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެންނެވެ.