ހިޔާ ފްލެޓްގެ ދެވަނަ ޓަވަރުގައި އަލަށް ބަހައްޓާފައިވާ ލިފްޓްތައް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. މިއީ ހިޔާ ފްލެޓްގެ ޓަވަރުތަކުގައި ހަރުކުރަމުންދާ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެއެވެ. މިއީ ހިޔާ ފްލެޓްގެ ރެސިޑެންޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ހިޔާ ފްލެޓްގެ ލިފްޓު އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރިއަށެވެ. މި މަޝްރޫޢު ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

މި ބޮޑު މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުގެންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޮމްޕެނީ ލިމިޓެޑާއެވެ. މަޝްރޫޢުގެ ޖުމްލަ އަގަކީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އެވެ.

އެޗްޑީސީން ބުނާ ގޮތުގައި މި މަޝްރޫޢު ނިމުމުން ހިޔާ ފްލެޓްގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް އާ ދެ ލިފްޓް އިތުރުވެގެންދާނެއެވެ. މިއީ ހިޔާ ފްލެޓްގެ ރެސިޑެންޓުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަމަށް ލިބިގެންދާނެ ބޮޑު ހައްލެކެވެ.