ސަޢުދީ ޢަރަބިއާގެ ހައްޖު އެންޑް ޢުމްރާ މިނިސްޓަރ، ޑރ. ތައުފީގު އަލް ރާބިއާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، އެންމެހައި ޙައްޖާޖީންނަށް، ވަކިން ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއަށް ނިހާޔަތަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސް މުޢިއްޒު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނުއްވައިދެއްވި ކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ސަޢުދީ ސަރުކާރުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވި ފުރިހަމަކަމަށްޓަކައި ވެސް ޝުކުރު އަދާކުރެއްވިއެވެ. https://twitter.com/presidencymv/status/1931700950844293154?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1931700950844293154%7Ctwgr%5E0dad7f084bbe7a57685d6ea8c0b1ba787e2245a1%7Ctwcon%5Es1_&ref_url=https%3A%2F%2Fsababu.mv%2Fwp-admin%2Fpost.php%3Fpost%3D34448action%3Dedit މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން އާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަދި ރައީސްގެ އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، ސަޢުދީ ޢަރަބިއާގައި ތިއްބެވީ އެ ޤައުމުގެ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.