ހއ. ދިއްދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ބިން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް މިއަދު ބައްލަވާލައްވައިފިއެވެ. މިނިސްޓަރު މި ބިން ބައްލަވާލެއްވީ ހއ. ކެލާގެ އީދު ހަރަކާތުގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫ ހޮސްޕިޓަލުގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ ކަންކަމާއި، ލެބޯޓްރީގެ ޚިދުމަތްތަކާއި، ރަށުން ބޭސް ލިބެން ހުރި މިންވަރާ ގުޅޭ މައްސަލަތައް ހިމެނެއެވެ. ޚާއްޞަކޮށް ރައްޔިތުންނަށް ބޭހުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މިނިސްޓަރު ވަނީ ހޮސްޕިޓަލުގެ އިސްވެރިންނަށް އިރުޝާދު ދެއްވާފައެވެ. އަދި މިކަން ކަށަވަރުކުރުމަށް ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރުމަށް އަންގަވާފައިވެއެވެ. މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކުރުމުގެ މަރުޙަލާ ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް މިނިސްޓަރު ވަނީ ހޮސްޕިޓަލުގެ އިސްވެރިންނާ ހިއްސާކުރައްވާފައެވެ. އައު ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިމުގެ އިތުރުން މިހާރު ހިދުމަތްދެމުންދާ ހޮސްޕިޓަލުގެ އެކި ބައިތަކަށްވެސް މިނިސްޓަރު ވަނީ ޒިޔާރަތްކުރައްވާފައެވެ.