1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޝައިޚް ފަރީދުގެ ދަރިފުޅުގެ ބަސްތައް އަސަރުންފުރިފައި؛ ބައްޕަ އެނިޔާވީ ކާފަ ދަރިފުޅު އުރާލައި ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި!

ފަރެ
މަރުހޫމު ޝައިހް ފަރީދު، އަދި ދަރިފުޅު އަބޯ ----ފޮޓީ: އަބޯއެފްބީ
މަރްޔަމް ޝަފާ ސައީދު
1,310ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ ފިރިހެން ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) މީސް މީޑިއާގައި ހިއްސާކުރި އަސަރުގަދަ މެސެޖަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޝައިޚް ފަރީދު އަވަހާރަވީ، ދީނީ ދަރުސެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. މިއީ ރާއްޖޭގެ ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

އުމުރުން 23 އަހަރުގެ އަބޯ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، "މިއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އަދި ހިތްދަތި ދުވަހެވެ. ބައްޕައާއެކު ހޭދަކުރެވުނު ކޮންމެ ހިނދުކޮޅެއް ކުއްލިއަކަށް ސިކުނޑި ފުރާލި ކަހަލައެވެ."

300 × 250

އަބޯ އިތުރަށް ބުނެފައިވަނީ އޭނާގެ ބައްޕައަކީ އޭނާގެ ފުރަތަމަ އުސްތާޛު ކަމަށާއި، ދިރިއުޅުމުގެ ހަޤީޤީ މާނަ އުނގަންނައިދިން މުދައްރިސް ކަމަށެވެ. އަދި ބައްޕަގެ ފާފަ ފުއްސަވައި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށް އެދި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޝައިޚް ފަރީދު އަވަހާރަވީ އޭނާގެ ފުރަތަމަ ކާފަ ދަރިފުޅު ދުނިޔެއަށް އައި ނަމަވެސް، އެ ދަރިފުޅު އުރާލުމުގެ ނަސީބު ނުލިބި ކަމަށް އަބޯ ހާމަކޮށްފައިވެއެވެ. "ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުއްޓެވެ. އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރެވެ," އަބޯ ލިޔެފައިވެއެވެ.

ޝައިޚް ފަރީދުގެ އެންމެ ފަހު މުއާމަލާތްތަކުގެ ތެރޭގައި، ދަރިފުޅު ފޮނުވި ކާފަ ދަރިފުޅުގެ ފޮޓޯއަށް "މާޝާﷲ ކާފަގެ ލޯބި" މި ޖަވާބު ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މިއީ އެ މަނިކުފާނުގެ ކާފަ ދަރިފުޅާ މެދު ކުރެއްވި އެންމެ ފަހު ބަސްފުޅުތަކެވެ.

އަބޯ ހާމަކުރެއްވި ގޮތުގައި، މަންމަ ގުޅުއްވައި ބައްޕަގެ ހަބަރު ބަލާލަން އެދިލެއްވުމުން، އޭނާ ގުޅުއްވީ ޝައިޚް ފަރީދާއެކު ދަތުރުކުރެއްވި ހިދުމަތް ޖަމްއިއްޔާގެ އިސްވެރިއަކަށެވެ. އެ ގުޅުއްވި ވަގުތު އަޑުއިވިފައިވަނީ ޝައިޚް ފަރީދަށް އަވަސް ފަރުވާ ދެމުންދާ އަޑެވެ. ނަމަވެސް ކުއްލިއަކަށް އަވަހާރަވުމުގެ ހިތާމަވެރި ހަބަރު ލިބިލެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޝަހީމް ޢަލީ ސަޢީދު އިޢުލާން ކުރައްވާފައިވާ ގޮތުގައި، މެލޭޝިއާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާދަމާ ޝާއިޚްގެ ޖަނާޒާ ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމަކީ ދިވެހި މުޖުތަމަޢުއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ޚާއްސަކޮށް އެ މަނިކުފާނުގެ ޢާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ. އެ މަނިކުފާނުގެ ދަރިފުޅުގެ ބަސްތަކުން ދޭހަވަނީ ޢާއިލާގެ މެދުގައި އޮތް ގާތް ގުޅުމާއި، ބައްޕަ ދެކެ ދަރިފުޅު ކުރައްވާ ލޯބީގެ ފުންމިނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި