1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑުތައް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނަފާ އިތުރު ކުރަން ޖެހޭ: ވަޒީރު ޝިޔާމް

shiy
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަރްޔަމް ޝަފާ ސައީދު
155ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑުތައް ޙިމާޔަތްކޮށް، ކަނޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވިގޮތެއްގައި އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި "މޫދު ފެސްޓް" ގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

މޫދު ފެސްޓްގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ބަޔަކު މޫދަށް އަހުލުވެރި ކުރުވުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ޖީލުން މިކަން ތަޖުރިބާކޮށް، އަންނަން އޮތް ޖީލަށްވެސް މިކަން ދެމިގެން ދިއުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ރިސާރޗަށް ބޭސްކޮށް ދިވެހިރާއްޖޭގެ ކަންކަން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ބާރު އަޅުއްވާ. އަޅުގަނޑުމެންވެސް ކަނޑުގެ ކަންކަން ކުރާއިރު ބަލަނީ ރިސާރޗް ބޭސްޑް މަސައްކަތްތަކެއްގެ އަލީގައި," ވަޒީރު ވިދާޅުވިއެވެ.

300 × 250

ކުޑަކުދިންނަށް ޚާއްޞަ "ޑިސްކަވަރ ޑައިވް" ހަރަކާތް؛

މޫދު ފެސްޓްގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު "ޑިސްކަވަރ ޑައިވް" އެވެ. މި ހަރަކާތުގައި 40 ކުދިން ބައިވެރިވެ، ކަނޑުގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

"ވަރަށް ރީތި މުރަކަ ފެނުން. ރީތި މަސްވެސް އުޅޭ. ވަރަށް އުފާވޭ ޑައިވް ކޮށްލަން ލިބުނީމަ," ޑިސްކަވަރ ޑައިވްގައި ބައިވެރިވި ކުއްޖަކު ބުންޏެވެ.

މި ފެސްޓިވަލްގައި މަސްވެރިކަމާބެހޭ ވަޒީރުގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، ކާބޯތަކެތި ވިއްކާ ފަރާތްތަކުން މި ފެސްޓިވަލްގައި ބައިވެރިވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި