ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި، ޖުމްލަ 350،000 ރުފިޔާގެ ރިސާޗް ގްރާންޓް ފަސް ފަރާތަކަށް ދޫކޮށްފިއެވެ. އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަންސް، ޑރ. ވިޝާލް މޫސާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރި ރިސާޗް ގްރާންޓަށް ޖުމްލަ 13 ޕްރޮޕޯސަލް ހުށައެޅުނެވެ. މިފަހަރު ގްރާންޓް ދޫކޮށްފައިވަނީ ރިސާޗް ޕްރޮމޯޝަންސް ސްކީމާއި އިނޮވޭޝަންސް ސްކީމުގެ ދަށުންނެވެ. މި ގްރާންޓް ލިބުނު ފަރާތްތަކުގެ ތެރޭގައި
- އައިޝަތު ޝިފާ,
- ޑރ. މަރިޔަމް ޝަރީފާ،
- ޑރ. ފާތިމަތު މުނާ،
- އަލްއުސްތާޛު މުޙައްމަދު އިމްރާން,
- ޑރ. ސުނީނާ ރަޝީދު .
މި ފަސް ފަރާތުން ހުށައެޅި ރިސާޗް ޕްރޮޕޯސަލްތަކުގައި 13 ފަރާތަކުން މަސައްކަތްކުރާއިރު، އޭގެ ތެރޭގައި އެ ޔުނިވާސިޓީން ބޭރުގެ ފަރާތްތައް ވެސް ހިމެނެއެވެ. "މިދިޔަ އަހަރާއި މި އަހަރު އެ ޔުނިވާސިޓީން ކުރިއަށްގެންދާ ރިސާޗް މަސައްކަތްތަކުގެ އަގު 13 މިލިއަން ރުފިޔާއަށް އަރާފައިވޭ،" ޑރ. ވިޝާލް ވިދާޅުވިއެވެ. އަދި މި އަހަރު ވެސް އިތުރު ޕްރޮޕޯސަލްތައް ހުށައަޅާފައިވާ ކަމަށާއި، ގިނަ ޕްރޮޖެކްޓްތަކަށް ގްރާންޓް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އައިޔޫއެމްއިން ރިސާޗް ގްރާންޓް ދެމުން އަންނަނީ ރިސާޗް ޕްރޮމޯޝަން ސްކީމް، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމް އަދި އިނޮވޭޝަންސް ސްކީމްގެ ދަށުންނެވެ. މިފަދަ ގްރާންޓްތަކަކީ ދިވެހިރާއްޖޭގައި ރިސާޗްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް އައިޔޫއެމްއިން ދެކެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.