ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް އަދި އޮސްޓްރޭލިއާ ސަރުކާރު ގުޅިގެން ބާއްވާ "މިޔަހެލި" ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ހޯދުމަށް 2016 ވަނަ އަހަރުން ފެށިގެން ބާއްވާ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރު ލިބިގެންދިޔައީ ހަމައެކަނި އއ.، އދ.، ވ. އަދި ކ. އަތޮޅުގެ ޒުވާނުންނަށެވެ. އަދި މިކޭމްޕްގައި 30 ޒުވާނުން ވަނީ ބައިވެރިވެ ޚިޔާލު ހުށަހަޅާފައެވެ. އެގޮތުން މިފަހަރުގެ ކޭމްޕް ނިމިގެން މިދިޔައީ އެންމެ ފާހަނގަކޮށްލެވޭ މޮޅު ފަސް ޚިޔާލާއެކުގައެވެ. ބައިވެރިން ހުށަހެޅި 10 ޚިޔާލުގެ ތެރެއިން ކޭމްޕްގައި ބައިވެރިވި ޖަޖުންނަށް އެންމެ ކަމުދިޔަ 5 ޚިޔާލަކީ:

  • ''ހިތްވަރު'' ޓީމުން ހުށަހަޅާފައިވާ ފްރީލާންސަރުންނަށް އެ މީހުންގެ ހިދުމަތްތައް ދައްކާލާ އަދި ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެ ހިދުމަތްތައް 'ހޯދޭނެ ގޮތް މަގުފަހިކޮށްދޭނެ ޕްލެޓްފޯމެއް
  • ''އަށި'' ޓީމުން ހުށަހަޅާފައިވާ ފަންނުވެރިންނަށް، ބަރޯސާވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ރަނގަޅު ފުރުސަތުތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ވާޗުއަލް މާކެޓްޕްލޭސްއެއް
  • ''ހުނަރުވެރި'' ޓީމުން ހުށަހެޅި އާންމުންނަށް ޕްރޮފެޝަނަލް ސްކިލްތައް ދަސްކޮށްދީ މިފަދަ ތަމްރީނު ހޯދޭނެ ޕްލެޓްފޯމެއް
  • ''އިރުވައި'' ޓީމުން ހުށަހެޅި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އާންމުންނަށް ފަސޭހަ އިން އަދި އަތްފޯރާފަށުގައި ފޯރުކޮށްދިނުން
  • ''ފަހި'' ކާނާ ޓީމުން ހުށަހެޅި ދުޅަހެޔޮ ސިއްހަތެއްގައި މުޖުތަމައުތައް ބިނާކުރުމަށްޓަކައި ދުޅަހެޔޮ ކާނާ ފޯރުކޮށްދިނުވެ.

މިކޭމްޕުގެ މަޤްސަދަކީ ޒުވާނުންނަކީ މިމުޖުތަމައުގައި ފައިދާ ހުރި ބޭނުންތެރި ބަޔަކަށް ހަދާ ޒުވާނުންނަށް މުޖްތަމައުގައި ފައިދާ ކުރާނެ މަސައްކަތް ކުރަން އެއްބާރުލުން ދިނުމެވެ. 2019 ވަނަ އަހަރުން ފެށިގެން މިޔަހެލި ކޭމްޕު ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީގެ އެންޑޯޒްމެންޓާ އެކުއެވެ. އެހެންނަމަވެސް މި އަހަރުގެ ކޭމްޕް ބާއްވާފައިވަނީ ޔޫތު ކޯ ލެބް އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ އެއްބާރުލުމާއި އޮސްޓްރޭލިޔާގެ ސަރުކާރާއި އީޔޫގެ މާލީ އެހީތެރިކަމާ ވެސް އެކު އެވެ. މިކޭމްޕުގައި ހުށަހެޅިގެންދާ ޚިޔާލުތަކުގެ ތެރެއިން ހޮވާލެވޭ ޚިޔާލުތަކަށް އަމަލީ ސިފަގެނައުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.