މިދިޔަ މަހުން ފެށިގެން ގދ ތިނަދޫގައި ފުރަތަމަ ފަހަރަށް ގޭގެއަށްގޮސް މީޓަރުގެ ރީޑިންގ ނެގުމަށް ފެނަކަ ކޯޕަރޭޝަން ތިނަދޫގައި މަސައްކަތް ކުރާ އަންހެން ކަނބަލެއް މަސައްކަތް ކުރަން ފަށައިފިއެވެ.

މިއީ މީގެ ކުރިން ތިނަދޫއިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަބަދުވެސް ތިނަދޫގައި ރީޑިންގ ނެގުމުގެ މަސައްކަތް ކުރަމުންގެންދަނީ ފިރިހެން މުވައްޒަފުންނެވެ. ނަމަވެސް މިފަހަރު ފެނަކަ ތިނަދޫ ބްރާންޗުން މިވަނީ އެކަން ބަދަލުކޮށްލާ ފުރަތަމަ ފަހަރަށް ރީޑިންގ ނެގުމުގެ މަސައްކަތަށް އަންހެން ކަނބަލެއް ނެރެފައެވެ.

މިކަމާ ގުޅިގެން ތިނަދޫ ބްރާންޗުގެ ވިސްނުމަކީ ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުންފުނީގެ ހުރިހާ މަސައްކަތެއްގަވެސް ކުންފުނީގެ އަންހެން ކަނބަލުން ޝާމިލުކޮށްގެން މަސައްކަތުގެ މާހައުލަށް އަންހެނުންގެ ދައުރު އިތުރު ކުރުމަށް ކަމަށް ފެނަކަ ކޯޕަރޭޝަން ތިނަދޫ ބްރާންޗުން މައުލޫމާތު ދެއްވިއެވެ. އަދި ފެނަކައިގެ އަމާޒަކީ އަންހެނަކަށް ވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދިނުން ކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

އޭނާ އިތުރަށް ބުނީ، މިދިޔަ މަހުން ފެށިގެން ފެނަކަ ތިނަދޫ ބްރާންޗުގެ އަންހެން ކަނބަލުން ރީޑިންގ ނެގުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މުސްތަގްބަލުގައި ވީހާވެސް ގިނަ އަންހެން މުވައްޒަފުން މަސައްކަތުގެ މާހައުލުގައި އެންމެ ކުރީސަފަށް ނެރުމަކީ ފެނަކައިގެ އަމާޒެއް ކަމަށެވެ.