ދިވެހިންގެ މުއްސަނދި ކަލިނަރީ ތަރިކައަށް އިތުރު ފަޚުރުވެރި ވަގުތެއް އައިސްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން މިއަދު ހާމަކޮށްފިއެވެ. އެގޮތުން މިއަހަރުގެ ބައިނަލްއަގުވާމީ ކަލިނަރީ އިނާމުގެ ތިން ކެޓެގަރީއަކަށް ދިވެހިރާއްޖެ ނޮމިނޭޓްވެފައިވާ ކަމަށް އެ ފަރާތުން ބުނެފިއެވެ. ވިޒިޓް މޯލްޑިވްސްއިން ފޭސްބުކްގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ދިވެހިންގެ މުއްސަނދި ތަރިކައަށާއި މީރު ކާނާއަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށެވެ. ނޮމިނޭޓްވެފައިވާ ކެޓެގަރީތައް: ދިވެހިރާއްޖެ ނޮމިނޭޓްވެފައިވާ ކެޓެގަރީތަކުގެ ތެރޭގައި

  1. "ދުނިޔޭގެ ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން ފޯ ހެރިޓޭޖް 2025"
  2. "އިންޑިއާ ކަނޑުގެ ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025"
  3. "އިންޑިއާ ކަނޑުގެ ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން (މާލެ) 2025"

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެވޯޑްތަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮގަސްޓް 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވެއެވެ. މި ނޮމިނޭޝަންތަކަކީ ދިވެހިރާއްޖޭގެ ކަލިނަރީ ދާއިރާއަށް ލިބިގެންދާ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މިއީ ދިވެހި ކާނާގެ ތަރިކަ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެންދާ ރަމްޒީ ވަގުތެއް ކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.