މިދިޔަ ސެޕްޓެމްބަރ މަހު ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅީ އާދީއްތަ ދުވަހުގައި ކަމަށާއި އެމީހާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ.

މިމައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވެފައިވަނީ ރައީސް އޮފީހަށާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތަށް ވަދެ ކުޑަކަމު ގޮސްފައިވާ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށެވެ.

ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުގެ ހުރުމަތް ކަނޑާ މިސްކިތްތަކުގައި ކައިބޮއި ހަދާ ނިދުމުގެ އިތުރުން މިސްކިތްތަކަށް ކުޑަކަމުދާ މައްސަލަ އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި މިސްކިތްތައް ހިމާޔަތްކޮށް އެތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ވަނީ ފަށާފައެވެ.