އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު (3.5 ބިލިޔަން ރުފިޔާ) ގެ ލޯނުގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ 4،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކޭޕީއައިއެލްއިން 16 ޓަވަރާއި އެންބީސީސީން 16 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި 650 އަކަފޫޓުގެ 2 ކޮޓަރީގެ 1200 ޔުނިޓާއި، 900 އަކަފޫޓުގެ 3 ކޮޓަރީގެ 2800 ޔުނިޓް ހިމެނެއެވެ. މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 700 ޔުނިޓްގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވަނީ ހަވާލުކުރައްވާފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ދިފާޢީ ބާރަށް 72 ވެހިކަލް ހަދިޔާކުރައްވާފައެވެ. މީގެ ތެރޭގައި

  • 27 ގޮނޑީގެ 8 ބަސް،
  • 10 ޕިކަޕް،
  • 10 ކުދި ވޭން،
  • 10 ވޭން،
  • 5 ލޮރީ،
  • 8 ޓްރެކްޓަރ،
  • 4 ޓިޕަރ ޑަމްޕް ޓްރަކް،
  • 4 ބެކްހޯ ލޯޑަރ،
  • 2 ކެރޭން،
  • 6 މިނީ އެކްސްކަވޭޓަރ
  • 5 އެކްސްކަވޭޓަރ

އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެވެ.