ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާނެ 18 ރޭންޖަރުން ތަމްރީނުކޮށް ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގުނު 'ބޭސިކް ރޭންޖާސް ކޯސް'ގެ ފުރަތަމަ ބެޗްގެ ދަރިވަރުންނެވެ. މިހާރު ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ 90 އަށްވުރެ ގިނަ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެނީ އެންމެ 15 ރޭންޖަރުންނެވެ. މި މަދު އަދަދަށް ހައްލެއް ހޯދުމުގެ ގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ މި ޚާއްސަ ތަމްރީނު ޕްރޮގްރާމް ފަށާފައެވެ. ރާއްޖޭގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި
- ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް،
- އައްޑޫ އަތޮޅު ބަޔޮސްފިއާ ރިޒާވް،
- ފުވައްމުލަކު ބަޔޮސްފިއާ ރިޒާވް،
- ލ. ގާދޫ،
- ރ. ވަންދޫ،
- ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ
- ށ. ފަރުކޮޅު
ސަރުކާރުގެ އަމާޒަކީ މި ސަރަހައްދުތައް ހެޔޮ ގޮތުގައި ބަލަހައްޓައި، އިޤްތިޞާދީ ގޮތުން ފައިދާއާއި މަންފާ ހޯދޭނެ މަގު ފަހިކުރުމެވެ. "މި ސަރަހައްދުތައް ފަތުރުވެރިންނަށް ތަޖުރިބާކުރެވޭ ގޮތަށް ތަރައްޤީކުރެވިއްޖެނަމަ، އެއިން ރަށަށާއި ޤައުމަށް ވެސް ފައިދާ ކުރާނެ" ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަލަށް ތަމްރީނުކުރެވުނު ރޭންޖަރުންނާއެކު، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.