ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށާއި އެއީ މިއަދުގެ ހާލަތަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން، މި އިސްލާހުތަކަކީ ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއް ކަމަށެވެ.

މި އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު "ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި، މިސާލަކަށް ކުރިއަށް އޮންނަ އިންތިހާބަށް ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ހިންގަން ޖެހެނީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑަރަލް ދައުލަތެއް ނޫން ކަމަށާއި، އެހެންކަމުން ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ކަމަށް ގާސިމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މި މަހުގެ ހަ ވަނަ ދުވަހު ފާސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ.