ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ، އޭނާ އާއި ހަވާލުކޮށްފައިވާ އެޑްމިނިސްޓްރޭޓިވް މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް ވިދާޅުވީ، މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި އޭނާ މަގާމުން އެކަހެރިކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ކައުންސިލް ރައީސް މިސްބާހް އާ ދޭތެރޭ ބާއްވާ ޒާތީ ކަމެއްގެ ގޮތުން ކަމަށް ބެލެވެއެވެ. މިސްބާހް ވިދާޅުވީ، ބަޔަކު ފޭސްބުކް ޕޭޖެއްގައި ޖެހި ޕޯސްޓެއްގެ ސަބަބުން އެކަމާ ރައީސް ހިތްހަމަ ނުޖެހިގެން ކައުންސިލްގެ މުވައްޒަފުންނާއި ނައިބު ރައީސަށް އިންޒާރުދީ ރަށަށް ކޮށްދެމުން ދިޔަ ހިދުމަތްތަކަށާއި އަދި ހޯދާފައިވާ ފުރުސަތު ތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ.

"ކޮވިޑް ބަލީގައި މާމެންދޫ މޮނިޓަރިންއަށް ލާފައިވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ވަރަށް ގާތުން ބަލައި އެކަން ފުރިހަމައަށް އަޅުގަނޑު ކުރަމުންއައީ. ނަމަވެސް އެންމެ ފަހުން ރަށް މޮނިޓަރިންގ އަށްލީ ފަހަރު ޗުއްޓީގައި އަޅުގަނޑު ހުރީ. އެހެން ވުމުން އެކަންތައް ބަލަމުން ދިޔައީ ދެންތިބި ކައުންސިލް މެމްބަރުން." މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު ވިދާޅުވިއެވެ.

އެގޮތުން "މާމެންދޫ އަޑެ ބަޑެ" ކިޔާ ފޭސްބުކް ޕޭޖެއްގައި، އޭނާ ޗުއްޓީގައި ހުރުމުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމުގެ ކަންތައް ދަށްވެފައިވާ ކަމަށް ބަޔަކު ޖެހި ދުވަހުން ފެށިގެން އޭނާ މާމެންދޫއަށް ކުރަން އުޅޭ ކޮންމެ މަސައްކަތަކަށް ރައީސް ހުރަސް އަޅަމުންދާ ކަމަށާއި، ރަށަށް ގެނައި ޕްރޮޖެކްޓްތައްވެސް ހުއްޓުވަމުން ދާ ކަމަށް މިސްބާހު ވިދާޅުވިއެވެ. މިސްބާހު ވިދާޅުވީ، މާމެންދޫ ސްލިޕްވޭ ފަސްގަނޑު މައްސަލައިގައި ކުރިން ނިންމައި ރައްޔިތު ބައްދަލުވުމެއްގައި ބުނެފައިވާ ގޮތާ ޚިލާފަށް ކައުންސިލުން ހިންގަމުން ދިޔަ ޕްރޮޖެކްޓަކަށް އެވެލިފުނިން ވެލި ނަގައި ބޭނުން ކުރަމުން ދިޔަ މައްސަލައިގައި، އެކަން ކުށްވެރިކޮށް އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓަކާ ގުޅިގެން ރައީސް މިހާރުވަނީ އޭނާ އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަނބުރާ ނަގާފައި ކަމަށެވެ.

"ސްލިޕްވޭ ގައި ޖަހާފައި ހުރި ވެލި ފުނި ކައުންސިލުން ނިންމައި ރައްޔިތު ބައްދަލުވުމެއްގައި ވަނީ އެވެލިފުނި ބީޗު ސަރަހައްދަށް އެޅުމަށް ވައުދުވެފައި. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައްޔިތުން ތިބީ ތައްޔާރަށް. ނަމަވެސް ކުއްލިއަކަށް ފެނުނީ ކައުންސިލުން ކުރަމުންދާ މަސައްކަތެއްގަ އެ ވެލިފުނިން ވެލި ނަގައި ބޭނުން ކުރަމުންދިޔަތަން. ރައްޔިތުންނަށް ވައުދެއް ވެއްޖެއްޔާ އެކަމެއް ފުއްދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވެގެން އެކަމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދު ކުރާ ކަމެއް ނޫންކަމުގައި ބުނެ ފޭސްބުކް ޕޯސްޓެއް ޖެހީ." މިސްބާހު ވިދާޅުވިއެވެ.

މިސްބާހު އަކީ ޒުވާނުންގެ ތާއީދާއެކު ކައުންސިލަށް ހޮވުނު މެންބަރަކަށް ވެފައި ޒުވާނުންގެ ކަންކަމުގައި މިސްބާހު ކުރަން އުޅޭ އެއްވެސް ކަމެއްގައި ރައީސް އެއްބާރުލުން ނުދޭކަމަށް އޭނާ ބުންޏެވެ. މިސްބާހް ވިދާޅުވީ، މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ކަމުގައިވިޔަސް ކައުންސިލްގައި ހުރެ ކައުންސިލުން ކުރަމުންދާ ހުރިހާ ކަމެއް ގާތުން ބަލައި ގޯސްކޮށް އެއްވެސް ކަމެއް ކުރާ ކަމަށްވަންޏާ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.