މާލޭގެ ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީކުރި ސަރަޙައްދުގައި ޤާއިމުކުރާ ފެންހިންދާ ނިޒާމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަނުގެ ތެރެއިން، ޕަމްޕު ވަޅުތައް ބެހެއްޓުމާއި ޕަމްޕުތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް ނިމުމުން، މި މަހުގެ 15 ގެ ކުރިން ޕަމްޕުތައް ޓެސްޓުކޮށް، ކޮމިޝަން ކުރުމުގެ ކަންކަން ފުރިހަމަވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނުމަގުގެ އައު ސަރަޙައްދު ތާރުއަޅައި ނިމުމާއެކު، ފެންހިންދާ ނިޒާމުގެ މަސައްކަތް އެއްކޮށް ނުނިމެނީސް މަގު ހުޅުވާލީ، މަގު ބަންދުކޮށްފައި އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި، އެމްޓީސީސީން އިސްނަގައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ފުޅާކޮށްފައެވެ. އަދި މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ނޯތު ހާބަރުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ސަރަޙައްދު ތަރައްޤީކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

1990 ގެ އަހަރުތަކަށްފަހު މާލޭގެ މަގުތަކަށް އެކަށީގެންވާ ބަދަލެއް ނުގެނެވި އޮތުމުގެ ސަބަބުން، ވިއްސާރަ ދުވަސްވަރު އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އަމީނީ މަގާއި މާލޭގެ އެހެނިހެން ބޮޑެތި މަގުތައް ޒަމާނީ ފެންހިންދާ ނިޒާމަކާއެކު އަލުން ތަރައްޤީކުރުމުގެ މަސައްކަތްތައް ފެށުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ.