ދިވެހިރާއްޖޭގެ ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލްގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އޮފީހުގެ މުވައްޒަފުންނަށާއި، ކުރީގެ ބަންޑާރަނައިބުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި ވޭތުވި 75 އަހަރު ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުގައި ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރާއި ތަހުނިޔާ އަދާކުރައްވާފައެވެ. މީގެއިތުރުން، ދައުލަތުގެ ބަންޑާރަނައިބުންގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންނަށް ނުހަނު އިޙްތިރާމް އަދާކޮށް، އެބޭފުޅުންގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް ރައީސް ވަނީ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ދިގު ތާރީޚުގައި، އެއޮފީހުން ކުރަމުން އައިސްފައިވާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގެ އެކި ދުވަސްވަރުގައި، ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން، 1950ވަނަ އަހަރު ބަންޑާރަނައިބުގެ އޮފީހަކީ ވަކި މުސްތަޤިއްލު އޮފީހެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. ހަމަ އެއަހަރު، ޖިނާއީ ކުށްތަކާއި ސިޔާސީ މައްސަލަތަކުގައި މެނުވީ ބަންޑާރަނައިބުގެ އޮފީހުން ތަޙުޤީޤު މަރުޙަލާގައި ޙާޟިރުވާން ނުޖެހޭގޮތަށް ހަމަޖެހިގެން ދިޔައެވެ. އެއަށްފަހު، 1960 ވަނަ އަހަރުގެ ތެރޭގައި ތަޙުޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ބަންޑާރަނައިބުގެ އޮފީހުގެ އެއްވެސް ޙިއްސާއެއް ނޯންނަގޮތަށް ހަމަޖެހިގެން ދިޔައެވެ.
https://twitter.com/MMuizzu/status/1960004567590154368?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1960004567590154368%7Ctwgr%5E314b72c87ff4b3293237374b52aa089da8cd8dc2%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F163828
ބަންޑާރަނައިބުގެ އޮފީހުގެ ނަން "އެޓަރނީ ޖެނެރަލްގެ އޮފީސް"ގެ ނަމަށް ބަދަލުކޮށްފައިވަނީ 1968ގައެވެ. އަދި އޮފިޝަލް ކަންތައް ޗެޕްޓަރ 1އަށް ގެނެވުނު އިޞްލާޙުގެ ދަށުން، ރަސްމީ ސިފައެއްގައި އެއޮފީހުގެ މަސައްކަތްތައް ކުރަން ފެށުމަށްފަހު، އެއަހަރު، ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. ހަމައެއާއެކު، 1978ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެކިއެކި އެއްބަސްވުންފަދަ ލިޔުންތަކާއި ބެހޭގޮތުން ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.
އެއަށްފަހު 1998ގައި ޢަމަލުކުރަންފެށުނު "ނޫ" ޤާނޫނުއަސާސީގައި ފުރަތަމަ ފަހަރަށް ލިޔެވި، ބަންޑާރަނައިބުގެ މަޤާމަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މަޤާމެއްގެ ގޮތުގައި ހަމަޖައްސައި، ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރެވިގެން ދިޔައެވެ. ދިވެހިރާއްޖޭގައި ޒަމާނީ ދިމިޤްރާތީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި 2000ވަނަ އަހަރު ފެއްޓެވި އިޞްލާޙީ އެޖެންޑާގެ ދަށުން ކުރެވުނު މަސައްކަތްތަކުގައި ބަންޑާރަނައިބުގެ އޮފީހުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން، 2002ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ލޯ ކޮމިޝަން އުފެއްދެވުމުން، އެއިދާރާގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ބަލަހައްޓައި، ހިންގުމުގެ މަސައްކަތްތައް ބަންޑާރަ އޮފީހުން ކުރިއަށްގެންގޮސްފައިވާއިރު، އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ބަންޑާރަނައިބެވެ. އަދި 2005ވަނަ އަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ލޯ ލައިބްރަރީ ހުޅުވުމާ ގުޅިގެން، އެ ލައިބްރަރީގެ އިދާރީ މަސައްކަތްތައް ރާވައި ހިންގުމުގައިވެސް ބަންޑާރަ އޮފީހުން ޙަރަކާތްތެރިވެފައިވެއެވެ.
ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭގޮތަށް ހިންގޭ ސިޔާސީ އަދި ހިންގުމުގެ ނިޒާމެއް ތަޢާރަފުކުރުމަށްޓަކައި، 2008ވަނަ އަހަރުގެ އޮގަސްޓްމަހު ޢަމަލުކުރަން ފަށާފައިވާ "ފެހި" ޤާނޫނުއަސާސީގެ ދަށުން ޢައްޔަނުކުރެވުނު ފުރަތަމަ ބަންޑާރަނައިބަކީ، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދެވެ.
ދިވެހިރާއްޖޭގެ ބަންޑާރަނައިބު ކަމުގައި މިހާރު ހުންނެވި، އަލްއުސްތާޛު އަޙްމަދު އުޝާމަކީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ ދަށުން ޢައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ ހަތްވަނަ ބަންޑާރަނައިބެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.