ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ސިޓީއަށް މިއަދު ވަޑައިގެންނެވުމާ ގުޅިގެންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ.

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 3.45 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އަދި މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ އާރުޑީސީއާ އެއްބަސްވެފައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު އާރުޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ އެރަށުގެ ރައްޔިތުން ބޭނުންވާގޮތަށް، އެމީހުންގެ ބައިވެރިވުން ހޯދައިގެން ކަމަށެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ފުރަތަމަ އިސްކަންދެނީ ރަށުގެ މުއައްސަސާތައް ހުންނަ މަގުތަކަށާއި މަރާމާތުކުރަންޖެހޭ އަދި އާބާދީ ބޮޑު ސަރަހައްދުތަކުގައި ހުންނަ މަގުތަކަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ޒަމާނީ ވަޞީލަތްތައް ވެސް ޤާއިމްކުރެވޭނެއެވެ. މި މަޝްރޫޢަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ފައިދާކުރާނެ މުހިންމު މަޝްރޫޢެކެވެ.