1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފްލޯޓިން ސޯލާ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޗައިނާ ކުންފުނިތަކެއް ރާއްޖެ ގެންނަނީ

chhc
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ
މަރްޔަމް ޝަފާ ސައީދު
473ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ފްލޯޓިން ސޯލާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެކަމަށް ޚާއްޞަ ޗައިނާ ކުންފުނިތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށާއި، މި ގުޅުމުގެ ދަށުން ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެއްކަން ފާހަގަކުރައްވައި، މޫސުމީ ނުރައްކާތައް ދުރާލައި ދެނެގަތުމުގެ ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

300 × 250

"ތިމާވެށީގެ ދާއިރާއިން އެންމެ އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުން. ރާއްޖޭގައި ސޯލާ ބޭނުންކޮށްގެން އިޔާދަކުރަނިވި ހަކަތަ އުފެއްދުން ވަރަށް މުހިންމު. ރާއްޖޭގައި އަބަދު އޮންނަނީ އަވިދީފަ. އެހެންކަމުން މި ޤައުމަކީ ސޯލާ ޕަވަރ އުފެއްދުމަށް ފުރުޞަތު ބޮޑު ޤައުމެއް،" ސަފީރު ވިދާޅުވިއެވެ.

ސޯލާ ޕަވަރ ޤާއިމްކުރުމަށް ބޮޑު ސަރަޙައްދެއް ބޭނުންވާއިރު، ރާއްޖެއަކީ ބިން މަދު އަދި ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްކަން ފާހަގަކުރައްވައި، ކަނޑުގައި މި ނިޒާމް ޤާއިމްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގައި ސޯލާ ނިޒާމުތައް ޤާއިމުކުރުމުގައި ޗައިނާއިން ދަނީ ކުރިއެރުން ހޯދަމުންނެވެ.

މި މަޝްރޫޢު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ހަކަތަ އުފެއްދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ލިބި، ޚަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި