1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޭތަ ވީއްލައިފުމަށް ދާންދެން މާތް ﷲއަށް ދުއާ ދަންނަވައި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތް ކުރާށެވެ!

sua
މަރްޔަމް ޝަފާ ސައީދު
250ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިރޭގެ ކޭތަ ނަމާދުގެ ހުތުބާގައި، ކޭތަ ވީއްލައިފުމަށް ދާންދެން މާތް ﷲއަށް ދުޢާދެންނެވުމަށާއި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތްކުރުމަށް ހަނދާންކޮށްދީފިއެވެ. މިރޭގެ ކޭތަ ނަމާދުގައި ބައިވެރިވި މުސްލިމުންނާ މުޚާތަބުކޮށް މި ހުތުބާގައި ވަނީ، މާތް ﷲގެ އަޅުތަކުން އެކަލާނގެއަށް ތަޤްވާވެރިވެ، އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ނަސޭހަތްތެރިވެފައެވެ.

ކޭތަ ނަމާދު ހުތުބާގައި ފާހަގަކުރި ގޮތުގައި، މުސްލިމުން އެންމެން ﷲއަށް ތައުބާވުމަށް ގޮވާލާފައިވާއިރު، އެއީ ދުނިޔެއާއި އާޚިރަތުގެ ދިންނެވުމާއި ނަޞީބު ލިބުމަށްޓަކައެވެ. އިރާއި ހަނދަކީ މާތް ﷲ އަހަރެމެންގެ ޚިދުމަތުގައި ލައްވައިފައިވާ ދޭއްޗެވެ. އެއީ ވަގުތުތަކާއި، މޫސުމާއި، އަހަރުތައް ދެނެގަތުމަށްޓަކައެވެ. އެ ދެތި ދައުރުކުރަނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ ގޮތުގެ މަތީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިޝާރާތްކުރި ގޮތުގައި، އިރަކީ ހަކަތަ އުފައްދާ މަސްދަރެކެވެ. ދުނިޔޭގެ ބިމަށް އިރުގެ ހަކަތަ ނުލިބޭނަމަ، މި ބިމުގައި އެއްވެސް މަޚުލޫޤަކަށް ދިރިއެއް ނޫޅެވޭނެއެވެ. ވައި ބަދަލުވުމާއި، ވިލާ އުފެދުމާއި، ވާރޭވެހުމާއި، ކޯރުތަކާއި ކުޅިތަކުގެ މަގުތައް އުފެދުމާއި، ބިމުގައި ރައްކާތެރި ގޮތަކަށް ފެން ޖަމާވުމާއި، ވެއްޔާއި ގަލާއި މުރަކައާއި ހިލަ އުފެދުމާއި، ބިމުގައި ތަފާތު މަޢުދަނުތައް އުފެދުމާއި، ކަނޑުތަކުގެ ރާޅުތަކާއި ދިޔަވަރު ހިކުމާއި ބޮޑުވުން ފަދަ އެންމެހައި ކަންތައްތަކަކީ އިރުން ލިބޭ ހަކަތައަށް ބަރޯސާވެފައިވާ ކަންތައްތަކެކެވެ. އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ދަލީލުތަކެއްކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.

300 × 250

ކޭތަ ނަމާދު ހުތުބާގައި ނަސޭހަތްތެރިވީ ގޮތުގައި، ކޭތަހިފުމަކީ ވަކި މީހަކު މަރުވެގެން ނުވަތަ އުފަންވެގެން ވާ ކަމެއް ނޫނެވެ. މިއީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އިންޒާރު ދެއްވުމަށް ހަމަޖައްސަވައިފައިވާ ނިޒާމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި އިރުކޭތައެއް ހިފިއެވެ. އެއީ ހިޖުރައިން ދިހަވަނަ އަހަރުގެ ޝައްވާލު މަހުގެ އޮނަތިރީސް ވަނަ ދުވަހުއެވެ. އެއީ އެކަލޭގެފާނަށް ލިބިވަޑައިގަތް އެންމެ ފަހު ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވީ ދުވަހެވެ. އެދުވަހު ރަސޫލު ﷲ صلى الله عليه وسلم މިސްކިތަށް ވަޑައިގެން މީސްތަކުންނަށް ނަމާދަށް އައުމަށް އެންގެވިއެވެ. މި ނަމާދުގައި ފިރިހެނުންނާއި އަންހެނުން ބައިވެރިވިއެވެ.

ކޭތަ ނަމާދު ކުރެއްވުމަށްފަހު، ރަސޫލު ﷲ صلى الله عليه وسلم ތެދުވެވަޑައިގެން ޚުޠުބާއެއް ދެއްވިއެވެ. މި ޚުޠުބާގައި އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅުތަކުގެ މާނައިގައިވެއެވެ. "މާތް ﷲ މި ހެކިތައް ފާޅުކުރައްވަނީ، މީހަކު މަރުވުމަކުން ނުވަތަ އުފަންވުމަކުން ނޫނެވެ. އެ ކަމަކު އެއީ އޭގެ ޒަރީޢާއިން ﷲ ގެ ޢަޛާބަށް މީސްތަކުން ބިރުވެތިކުރެއްވުމަށްޓަކައެވެ. ފަހެ ތިޔަބައިމީހުންނަށް އެއިން ކަމެއް ފެނިއްޖެނަމަ، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކޮށް، ދުޢާކޮށް، އިސްތިޢުފާރުކުރުމަށް އަވަސްވެގަންނާށެވެ!" އެހެން ރިވާޔަތެއްގައިވެއެވެ. "ކޭތަ ވީއްލައިފުމަށް ދާންދެން ތިޔަބައިމީހުން މާތް ﷲއަށް ދުޢާދަންނަވައި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތްކުރާށެވެ!"

ކޭތަ ނަމާދު ހުތުބާގައި އިތުރަށް ބުނެފައިވަނީ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ކޭތަ ހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކަކާ ހެދިއެއް ނޫނެވެ. މީގެ އިތުރަށް ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވުމުގެ ސަބަބުން ﷲގެ ޙަޟްރަތަށް މީސްތަކުން އެނބުރި ރުޖޫޢަވުމަށް ކުރެވޭ އިންޒާރެއްގެ ގޮތަށެވެ. އަދި ދުނިޔޭގެ އެދުންތަކަށް ހެއްލި، އާޚިރަތާމެދު ފަރުވާކުޑަކޮށް، ދުނިޔަވީ އުފާތަކާއި އަރާމުތަކުގެ ތެރެއަށް ގެނބުމުގެ ސަބަބުން ވެސް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. ކައުނު ފަސާދަވެ، ދުނިޔެ ޚަރާބުވަނީ، ތަފާތު ކުށްތައް ގިނަވުމުގެ ސަބަބުންކަމަށް ވެސް މިރޭގެ ކޭތަ ނަމާދު ހުތުބާގައި ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި