އީދު ޗުއްޓީއާ ދިމާކޮށް، ރާއްޖެއިން ބަންގްލަދޭޝަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، މޯލްޑިވިއަން އިން އެގައުމަށް ފްލައިޓްތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ޕީއާރް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ބަންގްލަދޭޝަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، އެހެންވުމުން ފްލައިޓް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
"ވަރަށް ރަނގަޅު ޑިމާންޑެއް އެބައޮތް. އެހެންވެ ފްލައިޓް އިތުރު ކުރަން ނިންމީ،" ވަސީމް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން މިހާރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިހާރުވެސް ދުވާލަކު ހަތަރު ފްލައިޓް ބާއްވަ އެވެ. އަދި އެ އެއާލައިނުން ވަނީ އީދަށް އިތުރު ޑިމާންޑެއް އޮންނާތީ މިމަހުގެ 21 އަދި 23 ގައި ވެސް ފްލައިޓެއް ބާއްވަން ނިންމާފަ އެވެ.
ރާއްޖޭގައި ބަންގްލަދޭޝަންގެ ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރާއިރު ބެލެވޭ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ 60 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ އެ ގައުމުގެ ރައްޔިތުންނެވެ. އަދި މި މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދަށް އެ މީހުންގެ ގައުމަށް ދަތުރު ކުރެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.