1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފެއްޓޭނޭ އިންތިޒާމު ހަމަޖައްސާނަން: ރައީސް

tt
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
ޝާމިން ސަޢީދު
80ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފެއްޓޭނޭ އިންތިޒާމުތައް ހަމަޖައްސަވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުއްޓުމަކަށް އައިސްފައިވާ ފެންފުށީގެ ނަރުދަމާގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މިއީ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވާފައިވާ މި މަސައްކަތްތައް، މި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބާރު އަޅުއްވައިގެންވެސް، އަލުން ފަށާފައި ނުވާތީ، ސަރުކާރުން މިހާރު ނިންމަވާފައިވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް، އެހެން ގޮތަކުން މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު މިއަދު ވަނީ ދެއްވާފައެވެ.

މަޑުޖެހިފައިވާ އެ ރަށުގެ ސްކޫލްގެ މަސައްކަތްވެސް އަލުން ފައްޓަވައި، އަންނަ ދިރާސީ އަހަރަށް އެ އިމާރާތް ބޭނުންކުރެވޭ ގޮތަށް މަސައްކަތް ނިމޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

މިއަދުގެ ޖަލްސާގައި ވަނީ، ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢާއި، ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، ފެންފުށީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތާއި، ފެންފުށީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތާއި، ފުޓުބޯޅަ ދަނޑުގެ ވަށައިގެން ޓްރެކެއް ހެދުމުގެ ޢަމަލީ މަސައްކަތާއި، ވޮލީކޯޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އަދި މިއަދު ފެންފުށީގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްވެސް އިފުތިތާޙުކޮށްދެއްވާފައެވެ.

މި މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ފެންފުށީގައި އެއްގަމުތޮށީގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށާއި، މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހިނަވާގެވެސް ހިމެނޭގޮތަށް ކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދަވާނީ، މިހާރު ހުރި މަރުކަޒުގެ ޚިދުމަތްތައްވެސް އައު އިމާރާތަށް ބަދަލުކުރެވޭނޭ ގޮތަށް، މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މި ހުރިހާ މަސައްކަތްތަކެއްވެސް ފެއްޓެވީ، އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، މަސައްކަތް ނިންމެވުމުގެ ޢަޒުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި