ދިގުމިނުގައި ގާތްގަނޑަކަށް 40 ވަރަކަށް ފޫޓު ހުރި މަރުވެފައި އޮތް ބޮޑުމަހެއް އައްޑޫސިޓީ ހިތަދޫއަށް ލައްގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަސް ލައްގާފައިވަނީ ހިތަދޫ ސްކޫލް ސްކޫލާ ދިމާލުން އުތުރު ފަރާތު އަތިރިމައްޗަށެވެ. ބޮޑުމަސް ލައްގާފައިވާކަން އެނގުނީ އެސަރަހައްދުގައި އުޅުނު ބަޔަކަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އެކަން ކައުންސިލަށް އަންގާފައިވަނީ އާންމުންގެ މީހެކެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެސަރަހައްދަށް ބޮޑުމަސް ލައްގާފައިވާ ތަން ބަލަން ދިޔަމީހަކު ބުނީ، މަހުގެ ބޮޑުބައެއް އޮތީ ކުނިވެފައި ކަމަށާއި، އެސަރަހައްދުގައި ވަރަށް ގަދައަށް މަހުގެ ކުނިވަސް ފެތުރިފައިވާ ކަމަށެވެ. މިމަސް ވަޅުލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މިހާރު ގެންދަނީ ކުރަމުންނެވެ.