މަޤްބޫލް ފިލްމީ ތަރި އަލީ ސީޒަންގެ ސީޒަން އަލީ ޕްރޮޑަކްޝަންގެ އާ ފިލްމް “ޕަރީ” ގެ ޓީޒާ ޓްރެއިލާ ލޯންޗުކޮށް ފިލްމުގެ ޕޯސްޓަރު ރޭ ދަ ގާޑަން ރެސްޓޯރަންޓްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ވަނީ ދައްކާލާފައެވެ.
ބިރުވެރި މަންޒަރުތަކުން ފުރިގެންވާ މި ފިލްމުގެ ޓީޒާ ޓްރެއިލާ ލޯންޗު ކުރުމަށް ފަހު ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ވަނީ އާންމު ކޮށްފަ އެވެ. ޓީޒާ ޓްރެއިލާ އިން ފެންނަ މަންޒަރުތަކުން ފިލްމުގެ ބިރުވެރިކަން އިހްސާސްކުރެވޭއިރު، މިހާތަނަށް އެތައް ހާސް ބަޔަކު ޓީޒާ ބަލާފައިވާކަން ފާހަގަކުރެވެއެވެ.
ފިލްމުގެ މައިގަނޑު ތަރީންގެ ގޮތުގައި އަލީ ސީޒަންގެ އިތުރުން އައިޝަތު ރިޝްމީ އާއި ޝީލާ ނަޖީބު ހިމެނޭ އިރު، އިތުރު ހުނަރުވެރި ކުއްޖަކު ވެސް ފިލްމުގައި ފެނިގެންދާނެ ކަމަށް ވަނީ ހާމަ ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ޓީޒާއަށް ލިބެމުންދާ ޕޮޒިޓިވް ރިސްޕޮންސްއާއެކު، މި ފިލްމަކީ މި ފަހުން އޮލިމްޕަހުން ބަލާލަން ލިބޭނެ އެންމެ ރީތި ބިރުވެރި ފިލްމަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ލަފާ ކުރެއެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޤްބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސީޒަންގެ މި އައު ފިލްމު ބެލުންތެރީންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.