ސަރުކާރުގެ އަމާޒަކީ ޕްލޭނާ އެއްގޮތަށް ކުރިއަށްހުރި މަޝްރޫޢުތައްވެސް ފެށިގެން ދިއުންކަމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒާއެކު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ފުނަދޫގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، ނިމިދިޔަ ސަރުކާރުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ނިންމުމާއި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ގާއިމުކުރަން ފެށުނު އެކިއެކި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. "މީގެ ތެރޭގަ ކުރީ ސަރުކާރުން ފަށާފަ ހުއްޓިފަ ހުރި މަސައްކަތްތައް އިތުރަށް އަޅުގަނޑުމެން އެމަސައްކަތްތައް ކުރިއަށް ގެންގޮސް އެމަސައްކަތް ނިންމާ، އެތަންތަން ރާއްޖޭގެ އެރަށްތަކުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުކުރުން،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމުކޮށްދެއްވުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން އަންނަ ބިޔަ މަސައްކަތެކެވެ. މިގޮތުން ފުޓުބޯޅަ އަދި ފުޓްސަލް ދަނޑުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކޮށްދެމުން ގެންދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުޅިވަރުގެ އައު މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްއަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ހަލުވިކަމާއެކު މަސައްކަތްކުރެވެމުން އަންނަ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތޮޅުތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ދެނެގަނެވިފައިވާ ކަމަށާއި، ދެން އޮތީ ވަކި ތާވަލެއްގެ ދަށުން މިކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.