ށ. އަތޮޅު ގޮއިދޫގައި ޤާއިމުކުރަން ނިންމާފައިވާ ފުޑް ޕްރޮސެސިން ފެސިލިޓީއާއެކު ދަނޑުވެރިކަމުން އުފައްދާ ތަކެތި މާކެޓުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވެއްޖެއެވެ. ސާކް ޑިވެލޮޕްމަންޓް ފަންޑް ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރާ މި ފެސިލިޓީއަކީ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށްވާ އުފެއްދުންތައް މާކެޓްކުރުމުގެ ދަތިކަން ހައްލުވެގެންދާނެ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްޞަ ޙަވާރުގައި ޝާހިދު ވިދާޅުވީ، "މިހާރުވެސް ގޮއިދޫގެ ބޮޑު އިންސައްތައެއްގެ ދަނޑުވެރިކަން ކުރަނީ ފަސްގަނޑުގައި. ނަމަވެސް ދަނޑުވެރިކަން ކުރިއަރައިގެން ދާނީ ޒަމާނީ ވަސީލަތްތަކާއެކު ދަނޑުވެރިކަން ކުރާ މިންވަރު އިތުރުވެގެން" ކަމަށެވެ. ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ހަމައަގު ނުލިބުމަކީ މުޅި ސަރަހައްދީ ދަނޑުވެރިކަމަށްވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ފާހަގަކުރައްވަމުން، ޕްރޮސެސިން ފެސިލިޓީ މެދުވެރިކޮށް އުފެއްދުންތަކަށް އަގު އިތުރުކުރެވި، ދަނޑުވެރިންނަށް އިތުރު ނަފާ ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. "ވެލިއު އެޑް ޕްރޮޖެކްޓަކީ ވަރަށް އުންމީދީ ޕްރޮޖެކްޓެއް. މާކެޓު ނުކުރެވޭ ނުވަތަ ބާކީވާ ތަކެތި ޕްރޮސެސްކޮށް، އޭގެ އަގު އިތުރުކުރެވިއްޖެނަމα މިހާރު އޮތް މާކެޓު މައްސަލަވެސް ހައްލުވެގެންދާނެ" ކަމަށް ޝާހިދު ވިދާޅުވިއެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ގޮއިދޫގެ ދަނޑުވެރިކަމުގެ ބޮޑު ބައެއް ޒަމާނީ ދަނޑުވެރިކަމަށް ބަދަލުވެގެންދާނެ ކަމަށާއި، ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޮތަށް ދަނޑުވެރިކަމުގެ ވައްޓަފާޅި ބަދަލުކޮށްގެން ހަގީގީ މާކެޓެއް އުފެއްދިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ގޮއިދޫ ޕްރޮސެސިން ފެސިލިޓީ: ލިބޭ ނަފާ އިތުރުވުމާއެކު، ދަނޑުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.