ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ ޖެނެރޭޝަނަލް ބޭން ފެށުމަށް 10 ދުވަސް ބާކީ އޮތުމާއެކު، މި ބޭނަށް ކައުންޓްޑައުން ފެށުމުގެ ގޮތުން ރޭ ދައުލަތުގެ މީޑިއާއިން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ކައުންޓްޑައުންގައި ރާއްޖޭގެ އެކި މީޑިއާތަކުން ބައިވެރިވާނެއެވެ.
2007 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު، މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، މެއި 21 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މި ބިލާއެކު އެ އުމުރުފުރާގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ.
މި ބިލުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އަދި އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވެގެންދާނެއެވެ.
ބިލުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކަށް 1,000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ބިލު ތަންފީޒުކުރުމަށް ދެވުނު ހަ މަސްދުވަހުގެ މުއްދަތު ހަމަވާން އޮތީ 10 ދުވަހެވެ. މި މުއްދަތު ދިނުމުގެ މަޤްސަދަކީ މިހާރު 18 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައިވާ ކުދިންނަށް އެކަމުން ދުރުވުމަށް ފުރުސަތު ދިނުމެވެ.