"ޖުޑިޝަލް ސަރވިސް ކޮމިޝަން" ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވައިފިއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަންގަވާފައިނުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ރިޟާ ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުގެ ގޮތުގައެވެ. ރިޟާއަކީ މާފުށީ ދާއިރާގެ މެންބަރެވެ.

ޖޭއެސްސީގައި ޖުމުލަ 10 މެންބަރުން ތިއްބަވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހޭނެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ރިޟާ އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރީ ޖޫން މަހުގެ 12 ވަަނަ ދުވަހުއެވެ.