ދިވެހިރާއްޖެއިން އ.ދ. ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ (ކޮޕުއަސް) މެންބަރުކަން ހޯދައިފި އެވެ. މިއީ ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ގިނަ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ މުހިންމު ކުރިއެރުމެކެވެ. މި ކޮމިޓީއަކީ، ބޭރު ޖައްވު ސުލްހަވެރިކަމާއެކު ދިރާސާކޮށް ބޭނުންކުރުމުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ގައުމުތަކުގެ ދެމެދުގައި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އ.ދ. ގެ ކޮމިޓީއެކެވެ. 1959 ވަނަ އަހަރު އުފެއްދި މި ކޮމިޓީއަކީ ޖައްވުގެ ކަންކަމުގައި އ.ދ. ގެ އެންމެ މުހިންމު ފޯރަމް ކަމުގައި ބެލެވެ އެވެ. ކޮޕުއަސްގެ މެންބަރުކަން ހާސިލްކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ބޭރު ޖައްވު ސުލްހަވެރިގޮތުގައި ބޭނުންކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން، ޖައްވާ ގުޅޭ ސައިންސް އަދި ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީ އާއި އީޖާދީ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ އެވެ. އަދި ދިވެހިރާއްޖެއަށް ބޭރު ޖައްވުގައި ބެހެއްޓިފައިހުރި އުޅަނދުތައް މެދުވެރިކޮށް ލިބޭ މައުލޫމާތާއި ޑޭޓާގެ އެހީގައި މޫސުމީ ބަދަލުތައް ދުރާލާ ފުންކޮށް ދެނެގަތުމާއި، ކަނޑުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާއި، ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް މަގުފަހި ވެގެންދާނެ އެވެ. މިގޮތުން، ރާއްޖެއަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމަށް ބެލެވެ އެވެ. ރާއްޖެއާއެކު، ހޮންޑޫރަސް، ޒިމްބާބްވޭ، މޯލްޓާ، ގަމްބިއާ އަދި ކޯޓްޑިވޯރ ވެސް ވަނީ މި ކޮމިޓީގެ މެންބަރުކަން ހޯދާފަ އެވެ.
އދ ގެ ކޮމިޓީ އޮން ދަ ޕީސްފުލް ޔޫސަސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ރާއްޖެއަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.