ދިވެހިރާއްޖޭގެ މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ކޮންޓެންޓް ލިބޭނެ ގޮތް ހެދުމުގެ ގޮތުން "ނެޝަނަލް ނިއުސް އެޖެންސީ" (އެންއެންއޭ) ގެ ނަމުގައި އާ ޕްލެޓްފޯމެއް އިއްޔެ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މަސައްކަތަކީ ދިވެހި މީޑިއާތައް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ފެށި މަސައްކަތެކެވެ. އެންއެންއޭ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޕްލެޓްފޯމުގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ. މި ރަސްމިއްޔާތަށްފަހު، އެންއެންއޭއާ ފުރަތަމަ ގުޅުނު މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެ މީޑިއާތަކަށް ކާޑު ހަވާލުކުރެވުނެވެ. ނެޝަނަލް ނިއުސް އެޖެންސީގެ ޕްލެޓްފޯމާއި ގުޅުނު ފުރަތަމަ މީޑިއާތަކަކީ:

  1.  ޖީލު އޮންލައިން
  2.  ޖަވިޔަނި
  3.  ތީރު މީޑިއާ
  4.  އަސުރު އޮންލައިން
  5.  ދަ ސްޓޭންޑަރޑް މޯލްޑިވްސް
  6.  ހުވަދޫ މީޑިއާ
  7.  ސަން ސިޔާމް މީޑިއާ
  8.  މިއަދު ޑެއިލީ
  9.  ތިލަދުން އޮންލައިން
  10.  ސައުވީސް އޮންލައިން
  11.  ދިވެހި ޗެނަލް
  12.  ސަންގު ޓީވީ
  13.  އަސްލު ޓީވީ
  14.  ވޮއިސް އެމްވީ
  15.  އޯރކާ މީޑިއާ
  16.  އެމްއެމްޓީވީ
  17.  ވީޓީވީ
  18.  މެންދުރު ޓީވީ
  19.  ވަގުތު

މިކަމާގުޅިގެން ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ. ޝަމްޢާން ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި، ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެއެވެ. އަދި މުސްތަޤުބަލުގައި ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "ރެޖިސްޓްރީކޮށްގެން ހިންގާ އޮންލައިން އަދި ބްރޮޑްކާސްޓް މީޑިއާތަކަށް ގިނަ ކޮންޓެންޓްތަކެއް ހިލޭ ލިބޭނެ. ކޮލިޓީ ރަނގަޅު ވިޑިއޯއާއި ފޮޓޯގެ ރޯ ފައިލް ލިބޭނެ. މިއީ ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ލިބޭ ފުރުޞަތެއް." ސްޓޭޓް މިނިސްޓަރ ޝަމްޢާން ވިދާޅުވިއެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެ ކަމަށެވެ. ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެކަމަށް ނަސްރީން ވިދާޅުވިއެވެ. ނަސްރީން އިތުރަށް ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާކަމަށެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ، ޕީއެސްއެމްއިން ކަވަރޭޖްހަދާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ ހިލޭ ފޯރުކޮށްދޭނަން. އެކިއެކި ހާސިދާތަކާ ކާރިސާތަކުގެ ރޯ ފައިލްވެސް ފޯރުކޮށްދޭނަން." ނަސްރީން ވިދާޅުވިއެވެ. ނަސްރީން ވަނީ ސޮއިކުރި މީޑިއާތަކުގެ އިތުރުން، އިތުރު މީޑިއާތަކަށްވެސް، ނެޝަނަލް ނިއުސް އެޖެންސީގައި ބައިވެރިވުމުގެ ފުރުޞަތު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް ހާމަކުރައްވާފައެވެ. ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްރޮގްރާމްތައް މީޑިއާތަކަށް ހިންގުމަށްވެސް ވިސްނާކަމަށާއި، ބައިނަލްއަޤްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.