އެމްޑީޕީން މާލޭގެ މަގުމަތީގައި، މި އަހަރުގެ މާރިޗު މަހުގެ 12 އަދި 13 ވަނަ ދުވަހުގެ ރޭ ބޭއްވި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކަކީ އެ ބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭ ވާހަކަތަކެއް ކަމަށާއި، މިކަމުގެ ޒިންމާ އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ނަންގަވަންޖެހޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފިއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަމްސީލުކުރާ ރެހެންދި ޗެމްބާސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓު އަހްމަދު ސަލީމު (މާޒު ސަލީމް) ދެއްކި ވާހަކަތަކަކީ ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ރައީސްގެ ދަރިކަލުންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަން ނިގުޅައިގަންނަ ވާހަކަތަކެއްކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ވަކިވަކިން ހުށަހެޅި ދެ މައްސަލާގައި ހުކުމްކުރަމުން ކޯޓުން ވަނީ މާޒް ސަލީމާއި އަދި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކަށް އެއްވުންތައް އިންތިޒާމުކުރި އެމްޑީޕީއާއި، ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ފައްޔާޒު އިސްމާއީލު ޒިންމާ ނަންގަވަންޖެހޭނެކަން ހާމަކޮށްފައެވެ. ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ފައްޔާޒު ވަނީ އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދީފައެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، މިކަމާ ގުޅިގެން ފައްޔާޒާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ ކިބައިން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ރައީސްގެ ދަރިކަލުންގެ މަންމާފުޅުގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ލިބިގެންވެއެވެ. ނަމަވެސް، ރެހެންދި ޗެމްބާސްއިން ބުނެފައިވަނީ ރައީސާއި އަނބިކަނބަލުން ނިންމަވާފައިވަނީ ބަދަލު ހޯދުމަށް ހުށަނޭޅުމަށް ކަމަށެވެ.
ރެހެންދި ޗެމްބާސްއިން އިތުރަށް ބުނެފައިވަނީ މި މައްސަލަ ހުށަހެޅުއްވީ އެއްވެސް ހާލެއްގައި ބަދަލު ހޯދުމަށް ނޫން ކަމަށާއި، މިއީ ދަރިކަލުންގެ ރައްކާތެރިކަން ގެއްލޭ ހިސާބަށް ދިއުމުން ކުރެއްވި ދައުވާއެއް ކަމަށެވެ. އަދި މި ދައުވާގެ މަގުސަދަކީ ސިޔާސީ ހަނގާކުރުމާއި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރުން ކަމަށްވެސް އެ ޗެމްބާސްއިން ފާހަގަކުރިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުގެ މައްޗަށް އިތުރު އަމުރެއް ނެރެންޖެހޭ ކަމަށް ކޯޓުން ނުދެކޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ މައްސަލައެއް މުއައްސަސާއަކަށް ހުށަހަޅައިގެން ފިޔަވަޅެއް ނާޅައިފިނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލޭނެކަމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

