ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ ގޭންގު ކުށްތަކާއި، މަސްތުވާތަކެތީގެ ވަބާ އަދި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް މި ދައުރުގައި ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން އެމަނިކުފާނު ދެއްވީ ސަރުކާރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ބޭއްވެވި "ރައްޔިތުންނާއެކު ކުރިއަށް" ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ދައުރު ފެށުނީއްސުރެ ރާއްޖެއަށް ދިމާވެފައިވާ މި ތިން އިޖުތިމާޢީ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިހާރު އެފަދަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ދެން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ މަތީ އަދަބު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން މަސްތުވާތަކެތީގެ މުޅި މައްސަލައަށް ހައްލު ލިބޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތައް މުޖުތަމަޢަށް އަލުން ނެރުމަށް ލ. ގަން، ނ. ވެލިދޫ، އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގޭންގު ކުށްތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުގެ ސަބަބުން ގޭންގު ހަރަކާތްތައް ހިންގާ ގުރޫޕުތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މުޖުތަމަޢެއް ބިނާކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ކަމެއް ކަމަށެވެ.